Sunday, January 4, 2009

ދެޖިންސުގެ ގުޅުން އަތްނުފޯރާ ފަށުގައި

ދިވެހި އަންހެނުންނާ ފިރިހެނުންގެ މެދުގައި އޮންނަ ގުޅުމަކީ ޒަމާނުއްސުރެ ބަދަހި ގުޅުމެކެވެ. އަވައްޓެރި ގައުމުތަކާއި އިސްލާމީ ބައެއް ގައުމުތަކުގައި ދެޖިންސްގެ މެދުގައި އޮންނަ ގުޅުމަށްވުރެ ދިވެހިންގެ މެދުގައި އޮންނަނީ މާގާތް ގުޅުމެކެވެ.
ރާއްޖޭގެ ރަށްތަކަކީ ކުދި ރަށްރަށައް ވާތީ އެކަކު އަނެކަކަށް އެނގި ގޭގެއަށް ވަދެ ނިކުމެ އުޅުމަކީ ފަސޭހަ ކަމަކަށް ވުމަކީވެސް މިގުޅުމަށް އޮތް ފަހި މަގެކެވެ. ކުރީ ޒަމާނުގައި އަން ހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކޮށް ވާހަކަދައްކާ ހެދުމަކީ މަދުން ނޫނީ ނުފެންނަ މަންޒަރަކަށްވި ނަމަވެސް ރާއްޖެއަށް އަންނަމުންދާ ތަރައްގީ އާއެކު މިކަންތައްތައް ދަނީ ހަލުވިކަމާއެކު ބަދަލުވަމުންނެވެ.
ކޭބަލް ޓީވީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބި އޭގެ ޒަރީއާއިން ފެންނަމުންދާ މަންޒަރުތަކެގެ އަލީގައި ދިވެހި ޒުވާނުން ދަނީ އެމީހުންގެ ލޯބީގެ އެކިއެކި ގުޅުންތައް ބައްޓަން ކުރާނެ ޒަމާނީ ގޮތްތައް ދަސްކުރަމުންނެވެ. މޮބައިލް ފޯނަކީ މިއަދު ދިވެހި ކޮންމެ ފަރުދެއްގެ ޖީބުގައިވެސް މުއާމަލާތު ކުރުމަށް އޮންނަ މުހިންމު ވަސީލަތެކެވެ. ފޯނުގައި ހުންނަ ތަފާތު ޚިދުމަތްތަކުގެ އެހީގައި އެމީހަކު ބޭނުންވާ ކޮންމެ މެސެޖެއްވެސް އެއްވެސް ހުރަހެއްނެތި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޮނުވާލެވެއެވެ. އިންޓަނެޓަކީވެސް މާލެ އާއި ރާއްޖެތެރޭގައި ލިބެން ހުންނަ ދެޖިންސްގެ ގުޅުން ބަދަހި ކުރުމަށް އޮތް ފަހި މަގެކެވެ. މޮބައިލް ފާނާއި އިންޓަނެޓް އަދި މިނޫންވެސް ގޮތްގޮތުން ބައްދަލުވާ ތަފާތު ޖިންސްގެ މީހުން"ވަރޗުއަލް" ބައްދަލުވުމަކަށްފަހު "ރިއަލް" ބައްދަލުވުމަށް ރަށްރަށުގައިވެސް ޒަމާނީ ފެންވަރުގެ ރެސްޓޯރެންޓް ތަކާއި ހޮޓާތައް ވަނީ ހުޅުވިފައެވެ. އަންހެނުން ރެސްޓޯރެންޓްތަކަށް ގޮސް އުޅުމަކީ ހަޑިކަމަކަށް މީގެ އަހަރުތަކެއް ކުރިން ދުއް ނަމަވެސް މިއަދު މިވަނީ އެއީވެސް ތަރައްގީއާއެކު ބަދަލުވެފައިވާ ވިސްނުމަކަށް ވެފައެވެ. އެކަމަށް އަންހެން ކުއްޖަކު ފަސްޖެހެންވީ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ. ދިވެހިންގެ އަތްފޯރާފަށުގައި ހުރި ޒަމާނީ ވަސީލަތްތަކާއި މީހުންގެ ވިސްނުމަށް ހާއްސަކޮށް ޒުވާނުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކާއެކު ދިވެހިން ވަނީ މަސްތެއްގެ ތެރޭގައެވެ. ހަމއެކަނި ޑްރަގްގެ އެހީގައެއްނޫނެވެ. އޭގެ އިތުރަށް ޖިންސީއެކިއެކި ކަންކަމުގައި މިވަނީ މާބޮޑު މަސްތެއްގެ ތެރެއަށް ދިވެހި މުޖުތަމައު ވެއްޓިފައެވެ. ކަންބޮޑުވާންެޖެހޭ މިންވަރަކަށެވެ.
މީގެ މަހެއްހާ ދުވަސްކުރިންު ރާއްޖެތެރޭގެ ރަށަކަށް ގޮސް އެންމެރެއެއްގައި ފެނުނު މަންޒަރުތަކަށާއިި ކުރެވުނު ތަޖުރިބާ އަށް ބަލާލަމާހެވެ. އެރޭގައި ދިމާވި ރަޙުމަތްތެރި ގިނަ އަންހެންކުދިން ރެސްޓޯރެންޓަށް ގޮސްލުމަށްދައުވަތު ދީފާވެއެވެ. އެއީ އެހާ ރަނގަޅުކަމެއްތޯ އެކުދިން ގާތު ސުވާލުކޮށްލުމުން ބުނެފައި ވަނީ އެއީ މިރަށުގައި މިހާރު ވަރަށް އާއްމު ކަމެއްކަމަށާއި ގެއަށްގެންގޮސް ސައިދީ ހެދުމަކީ ތަންކޮޅެއް ކުރީގެ އާދައެއްކަމަށެވެ.
މާލެއިންވެސް ފެނިއުޅޭ އަންހެނަކާއި އެރަށުން ދިމާވުމުން ކީއްތޯ ކުރަނީ ސުވާލުކޮށލުމުން ބުނީ އެއީ އޭނާގެ ރަށް ކަމަށާއި ފިރިމީހާ ވަރިކޮށް ލުމުން ރަށުގައި އައިސް އުޅެނީކަމެށެވެ. އަދި ރޭގަނޑުގެ އެހާ ފަހުގެ ވަގުތުގައި ބޭރަށް ނުކުމެ އުޅެނީ ކީއްވެތޯ އަހާލުމުން އެއްވެސް ޖެހިލުމެއްނެތި އޭނާ ބުނީ މީ އަހަރެމެން "އުފާކޮށްލުމަށް" ނިކުމެ އެޅޭ ގަޑިކަމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފަސް ވަރަކަށް އަންހެނުން މާމަޖާ ނަގާތީ ފެނިގެން ކައިރިކޮށްލާ ވާހަކަ ދައްކާލުމުން އެނގުނީ އެއީ ހައްތާވެސް ކައިވެނި ރޫޅި އިތުރު މަގެއް އަދި ނުފެންނާތީ ފޫހިފިލުވާލާ ހަދާލުމަށްޓަކައި ކޮންމެރެއަކުވެސް ވަގުތުކޮޅެއް ހޭދަކޮށްލާ އުސޫލުން ނިކުމެ އުޅޭ ބައެއްކަމެވެ. މިއީ ހަމައެކަނި އެރަށުގެ ހާލަތުހުރިގޮތް ކަމަކަށްނުބެލެވެއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ލޯބީގެ ނަމުގައި ތަފާތު ގުޅުންތައް ދަނީ ހިންގަމުންނެވެ. ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގުން ވަނީ އާއްމުވެފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ވަރީގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

No comments:

Post a Comment