Monday, July 20, 2009

މަސްވެރިކަމުގެ އުޅަނދުފަހަރު ހުންނަންޖެހޭ ސައިޒާއި، އޭގެ ބިލްޑިންގ ކޯޑެއް ކަނޑައެޅުއްވުމުގެ މަސައްކަތްފަށަނީ


މަސްވެރިކަމުގެ އުޅަނދުފަހަރު ހުންނަންޖެހޭ ސައިޒާއި، އޭގެ ބިލްޑިންގ ކޯޑެއް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.

ކުރިއަށްއޮތްތާނގައި މަސްވެރިކަމަށް ބަންނަ އުޅަނދުގެ ސައިޒު އަށްޑިހަ ފަސް ފޫޓަށްވުރެ ބޮޑުނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އެދިވަޑައިގަންނަވާ ކަމަށާއި މަސްވެރިކަމުގައި މިހާރު ބޭނުން ކުރުމަށް ބަނދެފައިހުރި ދޯނިފަހަރުގެ ސައިޒް ބޮޑުވުމުން އުޅަނދުފަހަރަށް ހިނގާ ޚަރަދުބޮޑުވެފައި ވާކަމަށާއި މިކަމުގެ ސަބަބުން މަސްވެރިކަން ދަށް ދުވަސްވަރު ބާނާމަހުގެ ޢަދަދު މަދުވާކަން މިނިސްޓަރ އިބްރާހީމް ދީދީ ފާހަގަކުރެއްވި އެވެ.

ސަތޭކަ ފޫޓަށް މިހާރު ބަނދެފައިހުރި އުޅަނދުތައް ގިނަދުވަހު މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރުމަށް ޢަމާޒުކުރެވިފައިވާ ލޭނު މަސްވެރިކަމުގައި ބައިވެރިކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި މަސްވެރިކަމުގެ ޕްރޮސެސިންގ ސެކްޓަރުގައި، ކުދި އަދި މެދުމިނުގެ ވިޔަފާރިއަށް އިތުރުފުރުސަތުތައް ހޯއްދަވައިދެއްވުމަށްޓަކައި އެގްރީމަންޓް ކޮށްފައިވާ ކުންފުނިތަކާ މަޝްވަރާކުރައްވައިގެން އެކަންތައް ހަމަޖައްސަވާނެ ކަމަށްވެސް މިނިސްޓަރ އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ވަޒީފާތަކެއް މަސްވެރިކަމުގެ ދާއިރާގައި އުފެދިގެންދާނެ ކަމަށެވެ.

No comments:

Post a Comment